މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީގެ ތާއީދު ބޮޑު އއ. ތޮއްޑޫ ކައުންސިލްގެ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
އާންމުގޮތެއްގައި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ، އަދި މިހާރު ހިނގަމުންދާ ކައުންސިލްގައިވެސް އެ ޕާޓީގެ މެޖޯރިޓީ އޮތް ތޮއްޑޫގެ ނަތީޖާއިން މި ފަހަރު ވަނީ ބޮޑު ބަދަލެއް ފެނިފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އާދަމް ނަވީން ކާމިޔާބުކުރެއްވީ 610 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބިވަޑައިގަތީ 574 ވޯޓެވެ.
ކައުންސިލްގެ އާންމު މެމްބަރުކަމުގެ ދެ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ 597 ވޯޓު ހޯއްދެވި މޫސާ އަނީލް އާއި 574 ވޯޓު ހޯއްދެވި އަލީ ރިޝާން އެވެ. މި ދެ ގޮނޑިއަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަލީ އާޒިމަށް 482 ވޯޓު ލިބިވަޑައިގެންނެވިއިރު، އަހުމަދު ރަޝީދަށް ލިބިވަޑައިގަތީ 454 ވޯޓެވެ.
މީގެ އިތުރުން، ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ސުޒީއެވެ. އޭނާއަށް 725 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ގޮނޑި ކާމިޔާބުކުރެއްވީ 514 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު މަޖުދާއެވެ.
ކޮމެންޓު ފޮނުވާ