އދ. މާމިގިލީ ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި މާލެ އޭރިއާ ކޮމާންޑްގެ ދަށުން ހިނގަމުންދާ މާމިގިލީ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 21:30 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. އަދި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، ގުދަނުގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިރޭ 22:13 ހާއިރުއެވެ.
މި އަލިފާނުގެ ހާދިސާގައި ގުދަނުގައި ރައްކާކޮށްފައިހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ