ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓަށް އަމަލުކުރުން ހުއްޓުވުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ވަކީލު މަރިޔަމް ޝުނާނާ ހައި ކޯޓަށް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، މި ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމެވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ، ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ހައި ކޯޓަށް ލިބިގެންވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވާ ހާލަތްތަކުގައި ކަމަށް ވާއިރު، ރައީސްގެ ގަރާރަކީ އެފަދަ ލިޔުމަކަށް ނުވުމެވެ.
މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، ވޯޓު ނަގަން އިއުލާންކުރި ތާރީހާއި ވޯޓުލާ ދުވަހާ ދެމެދު އޮތީ އެންމެ 47 ދުވަހެވެ. މިއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި އިންތިހާބުގެ ކަންކަމަށް އެކަށީގެންވާ ވަރަށްވުރެ ކުރު މުއްދަތެއް ކަމަށް މައްސަލައިގައިވެ އެވެ. އަދި ވޯޓު ކަރުދާހުގެ ނަމޫނާއާއި ގުޅުންހުރި ބިލުތަކާއި ރައީސްގެ ގަރާރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ ވެސް މައްސަލައެއް ކަމަށް ބުނެފައިވެ އެވެ.
މި ވޯޓާ ގުޅިގެން މީގެ ކުރިންވެސް ކޯޓުތަކަށް އެކި މައްސަލަތައް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން، ރައީސްގެ ގަރާރު ބާތިލުކުރުމަށް އިދިކޮޅު އެމްޑީޕީގެ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ވަނީ ބަލައިނުގަނެފަ އެވެ. އަދި ދެ އިންތިހާބު އެއްކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ. މީގެ އިތުރުން، ވޯޓުގައި އަހާ ސުވާލުގައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ފަސް މަހާއި 27 ދުވަސް އުނިވާކަން ފާހަގަކޮށްފައި ނުވާތީ އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ ސުވާލު ރަނގަޅު ކަމަށެވެ.
ކޮމެންޓު ފޮނުވާ