ދުބާއީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް، ޗެޑީ ހޮސްޕިޓަލިޓީން ޖޭއައިއެޗު ގްލޯބަލް އިންވެސްޓްމެންޓްސްއާ ގުޅިގެން ރާއްޖޭގައި މަތީ ފަންތީގެ ރިސޯޓަކާއި ބްރޭންޑެޑް ލަގްޒަރީ ރެޒިޑެންސްތަކެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ދިވެހިވަންތަ ސަގާފަތާއި ރަށްފުށުގެ ދިރިއުޅުމުގެ އިހުސާސްތައް އެކުލެވޭހެން، ޕްރައިވެސީއަށް ހާއްސަ އިސްކަމެއް ދީގެން ފަރުމާކުރާ މި މަޝްރޫއާ ގުޅޭގޮތުން ޗެޑީ ހޮސްޕިޓަލިޓީގެ ރައީސް އަދި ގްރޫޕް ސީއީއޯ ސްޓެފަން ޝުޕްބާކް ވިދާޅުވީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް އެ ބްރޭންޑް ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓާ ގުޅޭގޮތަށް، ދިވެހިވަންތަކަން ދެމެހެއްޓުމާއެކު ލަގްޒަރީ ދިރިއުޅުމުގެ ފުރިހަމަ ތަޖުރިބާއެއް ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމެންޓްސްގެ ޗެއާމަން އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ޗެޑީއާ ގުޅިގެން މިފަދަ ބޮޑު މަޝްރޫއެއް ރާއްޖެއަށް ގެނައުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ފަންތީގެ މަޝްރޫއުތައް ހިންގުމުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހޯދާފައިވާ ތަޖުރިބާގެ އަލީގައި، ދުރު ރާސްތާގެ ފުރިހަމަ ތަސައްވުރަކާއެކު މި މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.
ކޮމެންޓު ފޮނުވާ