އދ. އަތޮޅު ކޮންރެޑް މޯލްޑިވްސް ކައިރީގައި އޮންނަ މާންތާ ޕޮއިންޓަށް މޫދަށް ފުންމާލި ޖަރުމަނުވިލާތުގެ ފަތުރުވެރިއެއްގެ ގައިގައި ދޯނީގެ ބުރަފަތިން ޖެހި މިއަދު މަރުވެއްޖެ އެވެ.
ފުލުހުންނަށް މިއަދު ހެނދުނު 9:59 ހާއިރު ރިޕޯޓުކޮށްފައިވާ މި ހާދިސާ ހިނގަން މެދުވެރިވީ، ބްލޫ ހޮރައިޒަން މޯލްޑިވްސްގެ "ހޮރައިޒަން 3″ ސަފާރީގެ ޑައިވިން ދޯނިން ފަތުރުވެރިންތަކެއް ޑައިވްކުރުމަށްފަހު ފެހުރިއްސެއް ފެނިގެން އެ ސަރަހައްދަށް ފީނަން ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި، މި ފިރިހެން ފަތުރުވެރިޔާ ދޯނީގެ ފަހަތުން މޫދަށް ފުންމާލި ވަގުތަކީ ދޯނި ފަހަތަށް ޖަހާފައި އޮތް ވަގުތަކަށް ވުމުން، އޭނާގެ ގައިގައި ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވެ ވަގުތުން ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އަދި ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ނަގާފައިވަނީ ފުލުހުން އެތަނަށް ގޮސް ހަރަކާތްތެރިވާން ފެށުމުންނެވެ. ފުލުހުން މިހާރު އަންނަނީ މި ހިތާމަވެރި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސައުތު އަރި މެރިން ޕާކަކީ ފެހުރިހި ބެލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އުޅަނދުފަހަރު ޒިޔާރަތްކުރާ ސަރަހައްދަކަށް ވާއިރު، މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ. މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ހުރިހާ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން މިދިޔަ އަހަރުން ފެށިގެން ލާޒިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ