ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި، "ރިކޯލް ވޯޓު" ގެ ބިލެއް ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ރައްޔިތުންނަށް އެންމެ ބޮޑަށް ބާރުވެރިކަން ލިބިގެންދާނީ އިންތިޚާބުކުރާ މަންދޫބުން ދައުރުގެ ތެރޭގައި ވަކިކުރުމުގެ ފުރުސަތު އޮވެގެން ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައިވެސް މި ނިޒާމު އޮންނަކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ ހާލަތާ ގުޅޭގޮތަށް މި ބިލު ފަރުމާކުރުމަށްޓަކައި ފަންނީ ދިރާސާތަކާއި މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ބާއްވާ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި، ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ތައާރަފުކުރުމާ ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބީ ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސަކު ހޮވާނަމަ، އެ ނިޒާމަކީ އެއްވެސް ސުވާލެއް ނުއުފެދޭނެ ފަދަ ދެފުށްފެންނަ ނިޒާމަކަށް ވާންޖެހޭނެ ކަމަށާއި، މިފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފުޅާ މަޝްވަރާ ލިބިގެން ކަމަށެވެ. އަދި އިންތިޚާބުތަކަށް ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން ކުރިމަގުގައި ވެރިކަމުގެ ނިޒާމަށް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންތިޚާބީ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ތަޢުލީމީ އަދި ތަޖުރިބާކާރު ގާބިލު ބަޔަކަށް ވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު، ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންނާއި، ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ޝާމިލުކުރުމާމެދު ރައްޔިތުންގެ މެދުގައި މަޝްވަރާކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރުދެއްވާފައެވެ.
ކޮމެންޓު ފޮނުވާ