ސައިކަލު ވިއްކުމުގެ ނަމުގައި ހިންގި 7 މިލިއަން ރުފިޔާގެ ސްކޭމް: ކިންގްސްޓަންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ސައިކަލު ވިއްކުމުގެ ނަމުގައި ހިންގި 7 މިލިއަން ރުފިޔާގެ ސްކޭމް: ކިންގްސްޓަންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Author
އައިޝަތު އަޙްމަދު
30 މާރޗް 2026 05:20
0

ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްއާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން ތަހުގީގު ނިންމުމަށްފަހު މި މަހުގެ ތިންވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސައިކަލު ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ސްކޭމްގައި ޖުމްލަ 158 މީހެއްގެ އަތުން ވަނީ މަކަރާއި ހީލަތުން ފައިސާ އަތުލާފައެވެ.

އެގޮތުން، ސައިކަލުގެ ޕޭމަންޓުގެ ގޮތުގައި 7,193,764 ރުފިޔާއާއި 8,398.18 ޑޮލަރު އެކި ފަރާތްތަކުގެ އަތުން ނަގާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުކުރެވިފައެވެ. ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި މި ބޮޑު މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި ދައުވާކުރުމުގެ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.