ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ޑީސެލިނޭޝަން ޕްލާންޓަކަށް ދިން ހަމަލާއެއްގައި އިންޑިއާގެ މަސައްކަތްތެރިއަކު މަރުވެއްޖެއެވެ.
ކުވައިތުގެ ކަރަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އެ ޕްލާންޓުގެ ސާވިސް އިމާރާތަކަށެވެ. މި ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަމަލާއާއެކު ވަގުތުން ވަނީ ޓެކްނިކަލް އަދި އިމަޖެންސީ ރެސްޕޮންސް ޓީމުތައް އެ ސަރަހައްދަށް ފޮނުވާފައެވެ. ކުވައިތުގެ ސަރުކާރުން ފުރަތަމަ ބުނެފައިވަނީ މިއީ އީރާނުން ދިން ހަމަލާއެއް ކަމަށެވެ.
ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ އިސްރާއީލުގެ އަމަލެއްކަމަށް ބުނެފައެވެ. އީރާނުގެ އަސްކަރިއްޔާގެ އޮޕަރޭޝަން ކޮމާންޑް ޚަތަމް އަލް އަންބިޔާ ބުނެފައިވަނީ، މިއީ އީރާނުގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބޭނުމުގައި ޒަޔަނިސްޓުން (އިސްރާއީލުން) ކުވައިތަށް ދިން އަނިޔާވެރި ހަމަލާއެއް ކަމަށެވެ.
އަލްޖަޒީރާގެ ރިޕޯޓަރު މަލިކް ޓްރެއިނާ މައުލޫމާތު ދޭގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް މަހެއްހާ ދުވަސް ވެފައިވާއިރު، ކުވައިތަށް ދަނީ އެކިފަހަރު މަތިން ހަމަލާތައް އަމާޒުވަމުންނެވެ. އެގޮތުން އިއްޔެ ހަވީރު އެކަނިވެސް ކުވައިތުގެ ވައިގެ ސަރަހައްދުން 14 މިސައިލާއި 12 ޑްރޯން ފެނިފައިވާކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ބައެއް ޑްރޯންތައް އަސްކަރީ ކޭމްޕަކަށް އަމާޒުވެ، 10 ސިފައިން ޒަޚަމްވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ