ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގައި އެންމެ މިނިވަން އަދި އިންސާފުވެރިކޮށް އިންތިހާބުތައް ބޭއްވޭނެ ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސަކު ހޮވުމަށްފަހު މަހެއްހާ ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާނަމަ، ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ސަރުކާރެއް އެކުލަވާލެވިފައި ނޯންނާނެތީ، ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބުމުގެ ބަދަލުގައި، ގިނަ ޕާޓީތައް ތަމްސީލުވާ ގޮތަށް ގޮނޑިތައް ހަމަހަމަކޮށް ބެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މާބޮޑަށް ފަސޭހަވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕްރިފަރެންޝަލް ވޯޓިން ނިޒާމަކާއެކު ރިޔާސީ އިންތިހާބު އެއް ބުރުން ނިންމުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ ރައްޔިތުންގެ ފުޅާ ދާއިރާއެއްގައި ހިޔާލާއި މަޝްވަރާ ހޯދައިގެން ނިންމަންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރުވެސް އެކަމުގެ ފަންނީ އަދި ގާނޫނީ ދިރާސާތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އިންތިހާބީ ނިޒާމަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އެއްވެސް ސުވާލެއް ނުއުފެދޭނެ ފަދަ ދެފުށް ފެންނަ، ރައްޔިތުންގެ އިތުބާރު އޮންނަ ބަދަލަކަށް ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ