މާލޭގެ އިސްކަންދަރު މަގުގައި ހުރި އިމާރާތެއްގެ 6 ވަނަ ފަންގިފިލާއިން އޭސީއެއްގެ އައުޓްޑޯ ޔުނިޓެއް މަގުމައްޗަށް ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އޭސީ ސާވިސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އިއްޔެ ހަވީރު 4:46 ހާއިރު ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބަރު އައުޓްޑޯ ޔުނިޓް ވެއްޓިފައިވަނީ ތިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ. އެ ވަގުތަކީ އެ ސަރަހައްދުގެ މަގުމަތީގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ވަގުތަކަށް ވުމާއެކު، މި ހާދިސާގެ ސަބަބުން އެތާނގައި ތިބި މީހުންނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، އައުޓްޑޯ ވެއްޓުނު ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މާލޭގެ ގިނަ އިމާރާތްތަކުގައި ޖާގައިގެ ދަތިކަން ހުންނަ ގޮތުން، އޭސީގެ އައުޓްޑޯ ޔުނިޓްތައް ހަރުކޮށްފައި ހުންނަނީ އިމާރާތުގެ ވައިގޮޅިން ބޭރުގައެވެ. މިފަދަ ތަންތަނުގައި ހުންނަ އޭސީތައް ސާވިސްކުރުމަށް އިމާރާތުން ބޭރަށް ނުކުމެ އުޅުމަކީ ނުރައްކާތެރި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅަންޖެހޭ ކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުޑަވުމުގެ ސަބަބުން، މީގެ ކުރިންވެސް އޭސީ ސާވިސްކުރަން އުޅުމުގެ ތެރޭގައި މީހުން ވެއްޓި، ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް މާލޭގައި ހިނގާފައިވެއެވެ.
ކޮމެންޓު ފޮނުވާ