ބީއެމްއެލްގެ 'އެމްޕްލޯއީ އޮފް ދަ އިޔާ' ގެ ޝަރަފު މިސްބާހަށް، ޖުމްލަ 38 މުވައްޒަފެއްގެ އަގުވަޒަންކޮށްފި

ބީއެމްއެލްގެ 'އެމްޕްލޯއީ އޮފް ދަ އިޔާ' ގެ ޝަރަފު މިސްބާހަށް، ޖުމްލަ 38 މުވައްޒަފެއްގެ އަގުވަޒަންކޮށްފި

Author
އައިޝަތު އަޙްމަދު
28 މާރޗް 2026 08:33
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި، އެ ބޭންކަށް އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން 38 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

ރޭގެ ހަފްލާގައި ދިން އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 'އެމްޕްލޯއީ އޮފް ދަ އިޔާ' ހާސިލްކުރީ ޓެކްނޮލޮޖީ ޑިވިޝަންގެ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް، މިސްބާހް އްބްދުއްރަޝީދު އެވެ. މިއީ އޭނާގެ ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ. މީގެ އިތުރުން 'ލީޑަޝިޕް އެކްސެލެންސް އެވޯޑް' ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ ހެޑް އޮފް ޕްރޮޕަޓީ، ޔުޒްނާ ނަސީމް ހާސިލްކުރިއިރު، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓާއި ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވެސް އެކި މުވައްޒަފުންނާއި ޓީމުތަކަށް ވަނީ އެވޯޑު ދީފަ އެވެ.

ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް 'ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް' ވެސް ރޭ ވަނީ ދީފަ އެވެ. އެ އެވޯޑު ލިބުނީ ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް މޫސާ މުންސިފް އަހުމަދާއި، ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ ހުޝާމް ސައީދާއި، ޗީފް ކްރެޑިޓް އޮފިސަރު ރަޝްފާ ޖައުފަރުގެ އިތުރުން ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމް އަދި ޗީފް އިންފޮމޭޝަން އޮފިސަރު އަދުލީ އަހުމަދު ދީދީ އަށެވެ. މިއީ ބޭންކުގެ ރޭވުންތަކާއި މަސައްކަތްތައް ތަންފީޒުކުރުމުގައި ނަމޫނާ ލީޑަޝިޕެއް ދެއްކި ފަރާތްތަކެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ނިމިދިޔަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ. މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންގެ ހީވާގިކަމާއި ފަންނީ ގާބިލްކަން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ބޭންކިން ވިއުގައަކާއެކު ހިދުމަތްދޭ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އެ ބޭންކުގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.