މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އެ ސަރަޙައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ބިން ހިއްކުމާއި ވެލިއެޅުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފެށި މި ބިޔަ މަޝްރޫޢު ކުރިއަށްދަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެމްއެފްއެމްސީގެ ދަށުން ކުރިއަށްދިޔަ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރު ހިއްކާފައިވާއިރު، އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކަން ކަނޑައަޅާފައިވާ 97.15 ހެކްޓަރުގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފައެވެ. އެހެންކަމުން، މުޅި މަޝްރޫޢުގައި ހިމެނޭ 167.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް ޖުމްލަ 105 ހެކްޓަރު ވަނީ ހިއްކާ ނިމިފައެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 35،000 ކިއުބިކް މީޓަރުގެ 'ކުއީން އޮފް ދަ ނެދަލޭންޑްސް' އާއި 22،000 ކިއުބިކް މީޓަރުގެ 'އޮރެންޖް' ޑްރެޖަރު ދަނީ ބޭނުންކުރަމުންނެވެ.
ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގިރާވަރުފަޅު ހިއްކުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް އޮތް އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި ބިމުގެ ސަރވޭ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، އަންނަ ޖޫން މަހުގެ ތެރޭގައި ރައްޔިތުންނަށް ގޯތިތައް ހަވާލުކުރަން ފެށޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މިއީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ތަސައްލީއެއް ގެނެސްދިނުމަށް މި ސަރުކާރުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢެވެ.
ކޮމެންޓު ފޮނުވާ