މައިންބަފައިންނަށް ކިޔަމަންތެރިވެ، އޯގާތެރިކަމާއެކު އެބައިމީހުންނަށް ކަމޭހިތުމަކީ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭ އެންމެ މަތިވެރި އެއް ސަބަބުކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ، އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސަކީ މައިންބަފައިން ކަމަށާއި، ދަރީންނަށްޓަކައި އެމީހުންވާ މަތިވެރި ޤުރުބާނީގެ އަގު ދުވަހަކުވެސް ވަޒަންނުކުރެވޭނެ ކަމަށެވެ. އިސްލާމްދީނުގައި މައިންބަފައިންގެ ދަރަޖަ ނުހަނު މަތިވެރިކުރައްވާފައިވާއިރު، ކީރިތި ޤުރްއާނުގެ ހަތަރު ތަނެއްގައި ﷲއަށް އަޅުކަންކުރުމަށް އަމުރުކުރެއްވުމާ ގުޅިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. މިއީ ނަބީބޭކަލުންނާއި ޞާލިޙުންގެ މަތިވެރި ޚުލުޤުފުޅުކަމަށާއި، މީގެ ސަބަބުން ދުޢާ އިޖާބަވެ މުޞީބާތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅުކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، މައިންބަފައިން މުސްކުޅިވާ ހިނދު އެމީހުންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ނުހޯދައިފި މީހަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެއް ކަމަށެވެ. އަދި މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާ ޢަމަލެއްކަން ސަލަފުއްޞާލިޙުންގެ ތެރެއިން އުވައިސުލް ޤަރްނީގެ ޙަޔާތްޕުޅުން މިސާލު ދައްކަވަމުން ބަޔާންކުރިއެވެ. ޚުތުބާ ނިންމާލަމުން ވަނީ، މައިންބަފައިން އެމީހުންގެ އަމިއްލަ އުފާތައް ގުރުބާންކޮށް ދަރީން ބޮޑުކުރި ފަދައިން، އެމީހުންނަށް އޯގާތެރިވެ، ހެޔޮ ބަސްތަކުން މުޢާމަލާތްކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް މިއަދުގެ ދަރީންނަށް ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ