ސަރުކާރުގެ ޓެކްސީ ލައިން: ޕާޓްޓައިމް ޑްރައިވަރުންނަށް ފުރުޞަތު ހުޅުވާލައި، ޚިދުމަތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތަކުގައި

ސަރުކާރުގެ ޓެކްސީ ލައިން: ޕާޓްޓައިމް ޑްރައިވަރުންނަށް ފުރުޞަތު ހުޅުވާލައި، ޚިދުމަތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތަކުގައި

Author
އައިޝަތު އަޙްމަދު
24 މާރޗް 2026 04:42
0

މާލެ ސަރަޙައްދުގައި ސަރުކާރުން ފަށަން ތައްޔާރުވަމުންދާ އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީ ލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ޕޯޓަލްއެއް މެދުވެރިކޮށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޚިދުމަތަކީ އާންމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، އޫބަރ އަދި ގްރޭބް ފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތަކާ އެއްގޮތަށް ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ދޭން ނިންމާފައިވާ ޚިދުމަތެކެވެ. މިކަމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި ޚިދުމަތުގެ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި '1655′ ވަނީ ކަނޑައަޅާފައެވެ.

މީގެ ކުރިންވެސް މި ޚިދުމަތަށް 407 ޑްރައިވަރުން ހޯދަން އިޢުލާނުކުރުމުން 366 ފަރާތަކުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ޕާޓްޓައިމްކޮށް މަސައްކަތްކުރަން ހުށަހެޅި 178 ފަރާތެއް ހިމެނޭއިރު، އެމްޓީސީސީން މިހާރު އަލުން މިވަނީ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

ޖުމްލަ 150 ކާރާއެކު ފަށާ މި ޓެކްސީ ލައިނަށް ގެންނަ އުޅަނދުތަކަކީ ރާއްޖޭގެ ޖަޒީރާ އަދި ލޮނުގެ އަސަރުކުރާ މާޙައުލާ ގުޅޭގޮތަށް އިލެކްޓްރޯނިކްސްއަށް ބަދަލުތަކެއް ގެނެވިފައިވާ ކާރުތަކެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން 60 ކާރު ތައިލެންޑުން ގެންނަން ހަމަޖެހިފައިވާއިރު، ތަފާތު ދެ މޮޑެލްއެއްގެ ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. މި އުޅަނދުތައް ޕާކުކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިމެއްވެސް ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން މި ޚިދުމަތް ފުޅާކުރުމަށް ރާވާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ހުޅުލޭގައި ޚިދުމަތް ދިނުމަށްފަހު، ދެވަނަ ފިޔަވަހީގައި ވިލިމާލެއާއި ތިލަފުއްޓަށް ފުޅާކުރާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ރަސްމާލެ، ގިރާވަރު، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، 2028 ނުވަތަ 2029 ވަނަ އަހަރު ކުޅުދުއްފުށި ސިޓީއަށްވެސް މި ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.