ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Author
ހުސެއިން
24 މާރޗް 2026 12:38
0

މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހަކަތަ އުފެއްދުމަށް ރާއްޖެއިން މުޅިންހެން ބަރޯސާވަނީ ބޭރުން ގެންނަ ތެލަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރަން ކުރި ހޭދައަކީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ތޯރިގު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ދިނުމަށް ދުވާލަކު 7،965 ފީފާގެ ޑީސަލް އަންދަން ޖެހޭ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިއަން ފީފާގެ ޑީސަލްއެވެ. މީގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓު، ރިސޯޓުތަކުގައި 298 މެގަވޮޓު އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 30 މެގަވޮޓުގެ ކެޕޭސިޓީ މިހާރު ގާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތެލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުންނާއި ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިޔާދަކުރެވިނިވި ހަކަތަ ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.