އއ. ހިމަންދޫ އާއި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކާއި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، މިދިޔަ މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ބީޗްހައުސް، އުމުރުން 41 އަހަރުގެ އިބްރާހީމް އަޝްރަފްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ މުހައްމަދު މައިނުއްދީނެވެ.
މީގެ ތެރެއިން އިބްރާހީމް އަޝްރަފް މީދޫ މަގުމަތިން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 19 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އަދި ބިދޭސީ މީހާ ހިމަންދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިބްރާހީމް އަޝްރަފް 10 ދުވަހަށް އަދި މުހައްމަދު މައިނުއްދީން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ