ދުނިޔޭގެ ހަކަތައިގެ ކާރިސާ: 1970 ގެ އަހަރުތަކަށްވުރެ ހާލަތު މާބޮޑަށް ގޯސްވެއްޖެ

ދުނިޔޭގެ ހަކަތައިގެ ކާރިސާ: 1970 ގެ އަހަރުތަކަށްވުރެ ހާލަތު މާބޮޑަށް ގޯސްވެއްޖެ

Author
ހުސައިން
23 މާރޗް 2026 01:43
0

އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއަކީ 1970 ގެ އަހަރުތަކާއި ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރަށްވުރެ މާ ނުރައްކާތެރި ހާލަތެއް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ބުނެފި އެވެ.

އައިއީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހު ބިރޯލް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ. އެގޮތުން ދުވާލަކު ބާޒާރަށް ނެރޭ ތެލުގެ މިންވަރުން 11 މިލިއަން ފީފާ މަދުވެފައިވާއިރު، 140 ބިލިއަން ކިއުބިކް މީޓަރުގެ އެލްއެންޖީ ވަނީ ބާޒާރުން އުނިވެފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ތާރީޚުގައި ވެސް ތެލުގެ ކާރިސާއަކާއި ގޭހުގެ ބޮޑު ތަދުމަޑުކަމެއް އެއްފަހަރާ ދިމާވި ފުރަތަމަ ފަހަރެވެ.

މި ހަމަނުޖެހުންތަކުގައި ނުވަ ގައުމެއްގެ 40 އަށްވުރެ ގިނަ ހަކަތަ އުފައްދާ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިދިޔަ މަހުގެ 28 އިން ފެށިގެން ތެލުގެ އަގު ވަނީ 50 އިންސައްތައަށްވުރެ އުފުލިފަ އެވެ. ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން އަރައިގަތުމަށްޓަކައި ގައުމުތަކުން މިހާރު ދަނީ ކުއްލި ހާލަތްތަކަށް ރައްކާކޮށްފައި ހުރި ތެޔޮ ބޭނުންކުރަން ފަށައި، ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ބިރޯލް ވިދާޅުވީ މި ކާރިސާއަށް އޮތް އެންމެ އަވަސް އަދި އެންމެ މުހިންމު ހައްލަކީ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، ބާޒާރުގެ ސަޕްލައި ހަމައަކަށް އެޅުވުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.