400 އަކަފޫޓަށްވުރެ ކުޑަ ބިން އާއިލާ މީހަކަށް ދެވޭގޮތަށް އުސޫލު ބަދަލުކުރަނީ

400 އަކަފޫޓަށްވުރެ ކުޑަ ބިން އާއިލާ މީހަކަށް ދެވޭގޮތަށް އުސޫލު ބަދަލުކުރަނީ

Author
ހުސައިން
23 މާރޗް 2026 12:15
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ފްލެޓް ނުވަތަ ގޯތި ލިބޭ ފަރާތްތަކުގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އާއިލާގެ މެންބަރަކަށް އެ ބިން ދެވޭގޮތަށް އުސޫލު ބަދަލުކުރަން ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ކުރީގެ އުސޫލު އޮންނަ ގޮތުންނަމަ، ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމެއް ލިބޭ ހާލަތުގައި އެމީހެއްގެ ނަމުގައިވާ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ޖެހެނީ ދައުލަތަށް ދޫކޮށްލާށެވެ. ނަމަވެސް އަލަށް ގެންނަ ބަދަލާއެކު، އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ، ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށްވެސް ބަދަލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލު، ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ތެރެއިން ބިން ދޫކޮށްލަން ޖެހޭ ފަރާތްތަކަށްވެސް ހިނގާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ބަދަލެއް ގެންނަވަން ނިންމެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ގިނަ ބަޔަކު ލޯނު ނަގައިގެންނާއި އެކި ގޮތްގޮތުން ބޮޑެތި ތަކުލީފުތައް އުފުލައިގެން އެ ބިންތަކުގައި އިންވެސްޓްކޮށްފައި ވުމެވެ. މި ބަދަލާއެކު އެ ބިންކޮޅުތައް އާއިލާގެ ތެރޭގައި ދެމިއޮތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި އުސޫލަށް ގެންނަ ބަދަލު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތަށް ބިން ދޫކޮށްލަން މަޖުބޫރުވާނީ ހަމައެކަނި ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ދޫކޮށްލަންޖެހޭ ހާލަތުގައި އެކަނިކަމަށްވެސް އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.