މުސްލިމުންގެ މެދުގައި ސުންނީންނާއި ޝީއީންގެ ގޮތުގައި ތަފާތުކޮށް، އެކަކު އަނެކަކު ކާފަރުކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫންކަމަށާއި، އެއީ އުންމަތް ބައިބައިކުރަން އަދުއްވުން ކުރާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މީސްމީޑިއާގައި ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ މެދުގައި މަޒުހަބީ ބަހުސްތަކެއް ފެށިފައިވާ ދަނޑިވަޅެއްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަކި މަޒުހަބަކަށް ނިސްބަތްކޮށް މީހުން ތަފާތު ނުކުރުމަށެވެ. އެމަނިކުފާނު އިލްތިމާސްކުރެއްވީ އެންމެންނަކީވެސް ހަމަ މުސްލިމުން ކަމުގައި ދެކުމަށާއި، ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރުކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫންކަމަށެވެ.
މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރު ވަނީ އީރާނުގެ ލީޑަރުންނަކީ ސަހާބީންނަށް ބަދުބަސް ރައްދުކުރާ، ބާތިލު އަގީދާއެއްގެ ބައެއްކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ސަމީރު ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާތަކުން އިސްރާއީލު ސުންނާފަތިވުމަށް އެދުނު ކަމުގައިވިޔަސް، އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި އެމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތެވެ.
ނަމަވެސް، ސަމީރުގެ މި ވާހަކަތަކަށް މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އާންމުންގެ ގިނަ ބަޔަކު ދެކޭގޮތުގައި، ފަލަސްތީނުގެ ދިފާއުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް މިވަގުތު އަމަލީގޮތުން މަސައްކަތްކުރާ ހަމައެކަނި އިސްލާމީ ގައުމަކީ އީރާނު ކަމަށްވާއިރު، މިއީ މަޒުހަބީ ތަފާތުވުންތަކުގެ ވާހަކަ ދައްކައި މުސްލިމުން ބައިބައިވާންވީ ވަގުތެއް ނޫނެވެ. އަދި މުސްލިމުން އެކަކު އަނެކަކު ކާފަރުކުރުމުގެ ނުބައިކަންވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ