ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ޤާނޫނަށް ބަދަލުގެންނަވަން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ނިޒާމަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ ކަމަށެވެ. މިގޮތުން، ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މެންބަރުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި، ރިޔާސީ އިންތިޚާބު އެއް ބުރުން ނިމޭގޮތަށް ހެދުމުގެ އިތުރުން، ރައީސްކަމުގެ ހުވާކުރައްވާ ތާރީޚު ނޮވެމްބަރު 17 އިން 11 އަށް އަލުން ބަދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މި ބަދަލުތައް ގެނައުމުގައި ބޮޑަށް ބަރޯސާވާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޚިޔާލު ހޯދުމުގެ ވޯޓަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ. ސަރުކާރުން ދެކޭގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމުން، އިންތިޚާބުތަކާ ގުޅިގެން އުފެދޭ ސިޔާސީ ހަމަނުޖެހުންތައް ކުޑަކުރެވިގެންދާނެއެވެ. މި ބަދަލަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އިން ވަނީ ސަރުކާރުގެ މި ހުށަހެޅުމަށް ތާއީދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ