މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ލަންކާއިން ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ލަންކާއިން ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

Author
ހުސައިން
23 މާރޗް 2026 10:12
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ހަކަތައިގެ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން، ސްރީ ލަންކާއިން ތެލުގެ އަގު 25 ޕަސެންޓަށް ބޮޑުކޮށްފިއެވެ. މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ގައުމުން ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.

ގެނެވުނު މި ބަދަލާއެކު، އާދައިގެ ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 317 ރުޕީސްއިން 398 ރުޕީސްއަށް އުފުލިފައެވެ. އަދި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލިޓަރެއްގެ އަގު 79 ރުޕީސް ބޮޑުވެ، މިހާރު ހުރީ 382 ރުޕީސްގައެވެ. މިދިޔަ ހަފުތާގައިވެސް ސަރުކާރުން ވަނީ ތެލުގެ އަގު އަށް ޕަސެންޓް ބޮޑުކޮށް، ތެޔޮ ކޮންޓްރޯލްކޮށްގެން ވަކި މިންވަރަކަށް ވިއްކަން ފަށާފައެވެ. ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އުންމީދުކުރަނީ މި ފިޔަވަޅުތަކާއެކު ތެޔޮ ބޭނުންކުރާ މިންވަރު 15 އާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެން ގޮސް، ގައުމަށް ހަކަތަ ފޯރުކޮށްދިނުމަށް ދަތިވެދާނެތީ އެކަމަށް ތައްޔާރުވުމަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. މިގޮތުން، ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސައި، ކުރެވެން ހުރި ދާއިރާތަކުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަޒީފާދޭ ފަރާތްތަކަށް ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާއި އީރާނުގެ ރައްދު ހަމަލާތަކާއެކު ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދިގުދެމިގެން ގޮސްފައިވާއިރު، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ 20 ޕަސެންޓް ހިއްސާކުރާ ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފައެވެ. ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ސާފުނުކުރާ ތެޔޮ އެ ގައުމަށް ގެންނަނީ މެދުއިރުމަތިންނެވެ. ސަރުކާރުން އިންޒާރު ދީފައިވާ ގޮތުގައި، މި ހަނގުރާމަ ދިގުލައިގެން ދިއުމަކީ އައިއެމްއެފްގެ އެހީތެރިކަމާއެކު 2022 ވަނަ އަހަރު ކުރިމަތިވި ބޮޑު އިގުތިސާދީ އަނދަވަޅުން އަރައިގަތުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.