އޭޕްރީލްގައި ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫން މަހު ގޯތި ދޫކުރަން ފަށަނީ

އޭޕްރީލްގައި ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫން މަހު ގޯތި ދޫކުރަން ފަށަނީ

Author
އަހުމަދު
21 މާރޗް 2026 02:57
0

އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައި، އަންނަ ޖޫން މަހު އެތަނުން ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރައީސް މުޢިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމުން، ސަރވޭކުރުމުގެ ކަންކަން ނިންމުމަށްފަހު ޖޫން މަހު ގޯތިތައް ހަވާލުކުރަން ފެށޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މި މަސައްކަތުގެ ދުވެލި ބާރުކުރުމަށްޓަކައި 35,500 ކިއުބިކް މީޓަރު އަދި 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ބޮޑު ދެ ޑްރެޖަރެއް ދަނީ މެދުކެނޑުމެއްނެތި ބޭނުންކުރަމުންނެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ޖުމްލަ 9001 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެންމެ ފުރަތަމަ ގޯތިތައް ބަހާލާފައި އޮތީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރުފަޅުން 5432 ގޯތި ދޫކުރާ ގޮތަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ގުޅިފަޅުގައި ހަދަން ނިންމި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމައި، ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތަކާއެކު މިހާރު ހަމަޖެހިފައިވާ ގޮތުން ދޫކުރާނީ ހުޅުމާލެއިން 1370 ގޯތި، ގުޅިފަޅުން 3559 ގޯތި އަދި ގިރާވަރުފަޅުން 4072 ގޯއްޗެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމައި، ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.