އިންޑިއާ ކަނޑުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއެގޯ ގާސިއާއަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފައިވާކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެމެރިކާގެ 'ވޯލްސްޓްރީޓް ޖާނަލް' އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ ދުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް އެ މަރުކަޒަށް އަމާޒުކޮށް ފޮނުވާލާފައެވެ. އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާ މި ރަށަށް އީރާނުން ހަމަލާދީފައިވަނީ، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާއިން އެ ބޭސް ބޭނުންކުރަން ފެށުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ފޮނުވާލި މިސައިލްތައް އަމާޒަށް ވާސިލުވިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.
އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު (2,500 މޭލު) ދުރުގައި އޮންނަ ޑިއެގޯ ގާސިއާއަށް ހަމަލާދެވޭ މިންވަރަށް އީރާނުގެ މިސައިލް ގާބިލުކަން ހުރިކަން މި ހާދިސާއިން ހާމަވެގެންދެއެވެ. މިއީ ކުރިން ދުނިޔެއަށް އަންދާޒާކުރެވިފައި އޮތް ވަރަށްވުރެ މާ ބޮޑު އަދި ނުރައްކާތެރި ކުރިއެރުމެކެވެ.
ޗާގޯސް ޖަޒީރާގައި އޮންނަ މި މަރުކަޒަކީ އެމެރިކާގެ ބޮން އަޅާ ބޯޓުތަކާއި ބަރު ހަތިޔާރު ރައްކާކުރުމަށް އޭޝިއާ ސަރަހައްދުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ. މިއީ މީގެ ކުރިން އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައިވެސް އެމެރިކާގެ އޮޕަރޭޝަންތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރި މުހިންމު ބޭހެކެވެ.
ކޮމެންޓު ފޮނުވާ