އީރާންގެ ލަރިޖާނީ އަވަހާރަކޮށްލުމުން އދ. އިން ހަނު އޮންނާތީ އީރާނުން ނުރުހުން ފާޅުކޮށްފި

އީރާންގެ ލަރިޖާނީ އަވަހާރަކޮށްލުމުން އދ. އިން ހަނު އޮންނާތީ އީރާނުން ނުރުހުން ފާޅުކޮށްފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 04:26
0

އީރާންގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލަމުންދާއިރު ވެސް، އދ. ގެ ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް ނާޅައި ހަނު އޮންނާތީ އެކަމަށް އީރާނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އީރާނުން އދ. އަށް ފޮނުވި ސިޓީއެއްގައި މިކަން ކުށްވެރިކޮށްފައިވަނީ، އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް ކޮމާންޑަރުންގެ އިތުރުން ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި ވިދާޅުވެފައިވަނީ، މިފަދަ ނުރައްކާތެރި އަމަލުތަކެއް ހިނގަމުންދާއިރު ސަލާމަތީ މަޖިލީހުން އަޅާނުލައި އޮތުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ މި ހިމޭންކަމަކީ އީރާންގެ އޮފިޝަލުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް ލިބޭ އިތުރު ހިތްވަރެއްކަމަށް އިރަވާނީ ވަނީ ސިފަކުރައްވާފައެވެ. އަދި މި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން، މިކަންކަން ހުއްޓުވުމެއް ނެތި ކުރިއަށްދާނަމަ، މިއީ އާންމު ކަމަކަށްވެ، ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް މި ނުރައްކާތެރި ސިޔާސަތު ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ސިޓީގައި އިންޒާރުދެއްވާފައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އަމަލުތަކާ މެދު ސަލާމަތީ މަޖިލީހުން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އޭގެ ރައްދުގައި އީރާނުން ދޭ ހަމަލާތައް އެ މަޖިލީހުން ކުށްވެރިކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް އީރާނުން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.