ބޭސް ނުލިބޭ މައްސަލައިގައި އެސްޓީއޯ އަދި އެންސްޕާގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ބޭސް ނުލިބޭ މައްސަލައިގައި އެސްޓީއޯ އަދި އެންސްޕާގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

Author
އަހުމަދު
19 މާރޗް 2026 04:25
0

ރާއްޖެއިން ލިބެން ނެތް ބޭސްތައް ބޭރުން ގެނައުމުގައި ދިމާވާ ދަތިތަކާއި އޮޅުންތަކާ ގުޅިގެން، އެސްޓީއޯ އަދި އެންސްޕާގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ބޭސް ގެނައުމުގެ މުއާމަލާތްތަކުގައި އެސްޓީއޯއާއި އެންސްޕާއާ ދެމެދު ހުރި އޮޅުންތަކުގެ ސަބަބުން ބޭހަށް ބޭނުންޖެހިފައިވާ އާންމު ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށްފަހު ބޭހަށް އޯޑަރު ނުދެވޭކަމަށް އެންގުން ފަދަ ކަންކަން ހިނގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށާއި، މިއީ އަމިއްލަފުޅަށްވެސް ތަޖުރިބާކުރައްވާފައިވާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ބޭސްފަރުވާއަށް އެންސްޕާއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު، އެސްޓީއޯއަކީވެސް ގިނަ ވަސީލަތްތަކަކާއި މުވައްޒަފުން ތިބި ކުންފުންޏެއްކަން މެންބަރުގެ ސިޓީގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކަމާބެހޭ ކޮމިޓީއަށް އެ ދެ މުއައްސަސާގެ ވެރިން ހާޒިރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ބޭސް ނުލިބުމުގެ ޝަކުވާ އާންމުންގެ ތެރޭގައި މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މީގެ ކުރިންވެސް މެންބަރު ކުޑޫ ވަނީ މި މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.