މާފަންނު ޕްރައިމް ގުދަނުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ތަހުޤީޤެއް ފަށައިފިއެވެ.
އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅޭ ކަންމަތީގައި ހުންނަ މި ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ 21:57 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، ފުލުހުން މިހާރު ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލިފާން ރޯވި މި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނަކަށްވުމުން، އެތަކެތީގެ ސަބަބުން އުފެދުނު ކެމިކަލް ދުމުގެ އަސަރު ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ކަމާބެހޭ އިދާރާތަކުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
މި ނުރައްކާތެރި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ އިތުރުން، ގުދަނަށާއި އެތަނުގައި ހުރި މުދަލަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް 13 ސައިކަލަކަށާއި، ޕިކަޕެއްގެ އިތުރުން ކުންފުނީގެ ވޭނަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ