އިސްލާމީ ދާއިރާ ކުރިއެރުވުމަށް 14 ރަށެއްގައި މަޝްރޫއުތަކެއް ހިންގަން ސޮއިކޮށްފި

އިސްލާމީ ދާއިރާ ކުރިއެރުވުމަށް 14 ރަށެއްގައި މަޝްރޫއުތަކެއް ހިންގަން ސޮއިކޮށްފި

Author
ހުސައިން
19 މާރޗް 2026 12:36
0

ރާއްޖޭގެ އިސްލާމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން 14 ރަށެއްގައި ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން އެކި ކުންފުނިތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވަޢުދުފުޅުތައް ފުއްދެވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ.

މި މަޝްރޫޢުތަކުގެ ދަށުން ގިނަ ރަށްތަކެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކ. މާފުށި، މ. މުލައް، އދ. މާމިގިލި، ގދ. ގައްދޫ އަދި ސ. މަރަދޫގެ ގޮފި ޤާއިމުކުރުން ވެންޒާ ކޮމްޕެނީއާ ޙަވާލުކޮށްފައިވާއިރު، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގެ ގޮފި ޤާއިމުކުރާނީ އައްޔަބޭ ޕާޓްނާސްއިންނެވެ. މީގެ އިތުރުން ލ. ފޮނަދޫ ގޮފި ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރިއިރު، ނ. މަނަދޫ، ރ. ދުވާފަރު އަދި ނ. ވެލިދޫގައި ޤުރްއާނާ ބެހޭ މަރުކަޒުތައް އިމާރާތްކުރުމަށާއި ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާއެވެ. ހަމައެހެންމެ ބ. އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ ބޮޑު މަސައްކަތް އެސްއޭއެސް އީ ކޮންސްޓްރަކްޝަނާ ވަނީ ޙަވާލުކޮށްފައެވެ.

އަލަށް ސޮއިކުރެވުނު މި މަޝްރޫޢުތަކުގެ އިތުރުންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއާ ގުޅުންހުރި 90 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ވަޤްފު އިމާރާތްތަކާއި އިސްލާމީ މަރުކަޒުތައް އަދި ޤުރްއާނާ ބެހޭ މަރުކަޒުގެ އެކި ގޮފިތަކުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.