އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އިތުރުން ސްރީ ލަންކާއަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ އެވެ. މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމެވެ.
ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ސަލާމަތީ ގުޅުންތައް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގުތިސާދު ކުރިއެރުވުމަށް އެމެރިކާއަށް ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދަތުރުފުޅު ދިމާވަނީ، 9 އެޕްރީލް 1966 ގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ.
މި ދަތުރުފުޅުގައި ލަންކާއަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާ އެކު ކަނޑުގެ ސަލާމަތާއި، ބަނދަރުތަކުގެ ރައްކާތެރިކަމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ވެސް މަޝްވަރާކުރައްވާނެ އެވެ. އެމެރިކާ އިން ދެކޭ ގޮތުގައި ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ނުހަނު މުހިންމު ދެ ގައުމެވެ. އަދި މި ދަތުރުފުޅަކީ މިނިވަން އަދި ހުޅުވާލެވިފައިވާ ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ