ޕޭ ފްރޭމްވޯކްގެ ދަށުން ކަރެކްޝަންސް އަދި ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ޕޭ ފްރޭމްވޯކްގެ ދަށުން ކަރެކްޝަންސް އަދި ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

Author
ޙަސަން މުޙައްމަދު
17 މާރޗް 2026 04:55
0

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ މުސާރަ، ނޭޝަނަލް ޕޭ ފްރޭމްވޯކްގެ ދަށުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެ މުއައްސަސާގެ މުސާރަ އެއްހަމަކޮށް ބޮޑުކުރުމަކީ ކުރިންވެސް ނިންމައި މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި އޮތް ކަމެކެވެ. އަދި މި ނިންމުމާ އެއްގޮތަށް، މިއަހަރުގެ ތެރޭގައި ދައުލަތުގެ އިތުރު މުއައްސަސާތަކުގެ މުސާރަތައްވެސް މި އޮނިގަނޑުގެ ތެރެއިން ބޮޑުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދެ މުއައްސަސާގެ މުސާރައަށް ހެޔޮ ބަދަލެއް މި އައީ ގިނަ އަހަރުތަކަކަށް ފަހުގައެވެ. އެގޮތުން ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައި މިވަނީ 11 ވަރަކަށް އަހަރު ފަހުންނެވެ. އަދި ކަސްޓަމްސްގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެކަމަށް، އެ އިދާރާގެ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކް އެކުލަވާލުމުގެ މައިގަނޑު މަޤުޞަދަކީ، މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ހޯދުމަށްޓަކައި އިތުރުގަޑީގެ ފައިސާއަށް ބަރޯސާވުން ކުޑަކޮށް، ރަސްމީ ގަޑީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ސަގާފަތެއް އާލާކުރުމެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތާއި އާންމު ދިރިއުޅުމުގެ ބެލެންސެއް ގެނެސް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީވެސް މި ބަދަލުގެ އަމާޒެކެވެ.

އެހެންނަމަވެސް، ޕޭ ހާމަނައިޒް ކުރެވި މުސާރަތަކަށް ބަދަލު އަންނަމުންދިޔަ ކަމުގައިވިޔަސް، ޖުޑީޝަރީ ފަދަ ބައެއް ދާއިރާތަކުގެ މުވައްޒަފުން އަދިވެސް މުސާރަ ކުޑަކަމުގެ ޝަކުވާތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.