މިއަހަރުގެ ފިޠުރު އީދު ނަމާދު މާލެ ސަރަހައްދުގެ ބޮޑު ހަތަރު ޖަމާޢަތެއްގައާއި އިތުރު 24 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި އީދު ނަމާދުކުރުން ފަށާނީ އީދު ދުވަހުގެ ހެނދުނު 7:00 ގައެވެ. އަދި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދުކުރާ މައިދާންތަކުގެ އިތުރުން މިސްކިތްތަކުގައިވެސް އަންހެނުންނަށް ފަސޭހައިން އީދު ނަމާދުގައި ބައިވެރިވެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ ތެރޭގައި މާލޭގެ މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ފުޓްބޯޅަ ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކް ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މަސްޖިދު ޙަސަން އާދަމްއާއި ނިރޮޅުމަގާއި، ހީނާމާ ހިނގުމާއި، ފޭރުގަސް މަގު އަދި ދުނބުރި ގަސްމަގާ ގުޅިފައިވާ ހުސްބިމުގައިވެސް ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މައިދާންތަކުގެ އިތުރުން، އާންމުކޮށް ހުކުރުކުރާ ގިނަ މިސްކިތްތަކެއް ހިމެނޭހެން ޖުމްލަ 24 މިސްކިތެއްގައިވެސް އީދު ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މަޢުލޫމާތު ދީފައެވެ.
ކޮމެންޓު ފޮނުވާ