ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ބަންޑާރަނައިބު އަޙްމަދު އުޝާމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި މައިގަނޑު ތިން އިޞްލާޙެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޖޭއެސްސީގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގެންނަ އިޞްލާޙެވެ.
މި އިޞްލާޙުތަކުގެ ތެރެއިން ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ އިޞްލާޙުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށްގެންދާ ސަބަބުވެސް އުޝާމް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން އެއީ ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށްވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު އެ ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން އެފަދަ ވޯޓެއް ނަގާނަމަ ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީއަށް ދެން ގެންނަން ނިންމާފައިވާ އިޞްލާޙުތަކަކީ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަމަށް ނުވާތީ، އެކަންކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަންވެސް ބަންޑާރަނައިބު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ