އީރާނުގެ ހާއްސަ ހުއްދައަކާއެކު އިންޑިއާގެ ދެ ގޭސް ޓޭންކަރު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށްފި

އީރާނުގެ ހާއްސަ ހުއްދައަކާއެކު އިންޑިއާގެ ދެ ގޭސް ޓޭންކަރު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށްފި

Author
ހުސައިން
14 މާރޗް 2026 10:04
0

މެދުއިރުމަތީގެ ނުތަނަވަސްކަމާ ހެދި ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑޯޅި، އީރާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާގެ ދެ ގޭސް ޓޭންކަރު ރައްކާތެރިކަމާއެކު މިއަދު ހުރަސްކޮށްފިއެވެ.

އިންޑިއާގެ ޝިޕިން މިނިސްޓްރީގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ ވިދާޅުވި ގޮތުގައި، 92،700 މެޓްރިކް ޓަނުގެ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ހިފައިގެން ދަތުރުކުރާ "ޝިވާލިކް" އަދި "ނަންދާ ދޭވީ" ނަމަކަށް ކިޔާ މި ދެ އުޅަނދު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިންޑިއާއަށް ފޯރާނެއެވެ.

އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައިވާ މި ކަނޑޯޅިން ދަތުރުކުރުމުގެ އިސްތިސްނާއެއް އިންޑިއާއަށް ލިބުނީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަތީ ފަންތީގެ ޑިޕްލޮމެޓިކް މަޝްވަރާތަކަކަށް ފަހުގައެވެ. މިގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ގޭސް އެތެރެކުރާ އިންޑިއާއަށް މެދުއިރުމަތިން ލިބޭ ސަޕްލައި ދަށްވުމާ ގުޅިގެން، އެ ގައުމުން ވަނީ ގޭސް ވިއްކުން ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް ދާދިފަހުން އަޅާފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 5 ޕަސެންޓް އުފުލާ ހޮރްމޫޒް ކަނޑޯޅި ބަންދުވުމަކީ، ކެއްކުމަށް ބޭނުންކުރާ ގޭސް ހޯދުމަށް އިންޑިއާއިން ބޮޑަށް މެދުއިރުމައްޗަށް ބަރޯސާވެފައި އޮތުމުން، އެ ގައުމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މި އާ އުސޫލުތަކާއި އީރާނުގެ އެހީތެރިކަމާއެކު މުހިންމު ދާއިރާތަކަށް ގޭސް ލިބޭނެކަން ކަށަވަރުވާނެ ކަމަށް އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.