ޢިރާޤުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި، އެ ޤައުމުގެ 6 ސިފައިން މަރުވެއްޖެ

ޢިރާޤުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި، އެ ޤައުމުގެ 6 ސިފައިން މަރުވެއްޖެ

Author
ހުސައިން
14 މާރޗް 2026 10:16
0

ޢިރާޤުގެ ހުޅަނގުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ގްރޫޕަކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލުމާ ގުޅިގެން، އެމެރިކާގެ ވައިގެ ސިފައިންގެ ހަ މީހަކު މަރުވެއްޖެކަން ކަށަވަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެއްޓިފައިވަނީ އެމެރިކާގެ އަސްކަރީ ފައިޓަރ ޖެޓުތަކަށް ތެޔޮ އެޅުމަށް ބޭނުންކުރާ ކޭ.ސީ-135 މަރުކާގެ މަތިންދާބޯޓެކެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި މި ހަ މީހުން މަރުވިކަން ކަށަވަރުކޮށްދިން ނަމަވެސް، އެ އިދާރާއިން ބުނެފައިވަނީ ބޯޓު ވެއްޓުނީ ބަޔަކު ދިން ހަމަލާއަކުން ނުވަތަ އޮޅިގެން ދެވުނު ހަމަލާއަކުން ނޫން ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ސެންޓްކޮމްއިން ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މަރުވީ ހަތަރު މީހުން ކަމަށެވެ.

ނަމަވެސް، އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޯޓު ވައްޓާލާފައިވަނީ ޢިރާޤުގެ ރެސިސްޓެންސް ފްރަންޓުން ފޮނުވާލި މިސައިލަކުން ކަމަށެވެ. މީގެ އިތުރުން އީރާނުގެ އައި.އާރް.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި، މި ބޯޓަށް ހަމަލާދީ ހަލާކުކޮށްލާފައިވަނީ އުދުވާނީ ފައިޓަރ ޖެޓަކަށް ތެޔޮ އަޅައިދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

މި ހާދިސާއަކީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން ހިނގި ކަމެކެވެ. ޕެންޓަގަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ މަދުވެގެން 13 ސިފައިން މަރުވެފައިވާއިރު، ޢިރާޤުގެ ރެސިސްޓެންސް ގްރޫޕްތަކުން ދަނީ މެދުކެނޑުމެއްނެތި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދެމުންނެވެ.

މިއީ އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް ގެއްލުނުކަން ކަށަވަރުވެފައިވާ ހަތަރުވަނަ މަތިންދާބޯޓެވެ. މީގެ ކުރިން ކުވެއިތު މަތިން އެމެރިކާގެ އެފް-15 މަރުކާގެ ތިން ބޯޓެއްވެސް ވަނީ ބަޑިޖަހައި ވައްޓާލާފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭ ބޯޓަކަށް ހަމަލާދިނުމަކީ ރެސިސްޓެންސް ފްރަންޓުން އެމެރިކާގެ ވައިގެ އޮޕަރޭޝަންތަކުގެ މައިބަދައަށް ދިން ވަރަށް ވަރުގަދަ ހަމަލާއެކެވެ. އަދި މިއިން ސާބިތުކޮށްދެނީ އެ ސަރަހައްދުގެ ވައިގެ ބާރުވެރިކަން މިހާރު އެމެރިކާއަށް އެކަނި ކޮންޓްރޯލް ނުކުރެވޭނެކަން ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.