އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އީރާނުގެ ވެރިރަށް ތެހެރާންގައި އެތައް ހާސް ބަޔަކު ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.
ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުމާ ދެކޮޅަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ 'އަލްޤުދުސް ދުވަސް' އާ ގުޅިގެން ހުކުރު ދުވަހު ބޭއްވި މި ބޮޑު ރެލީގެ ތެރޭގައި ގޮވުމެއްގެ އަޑު އިވި، މަދުވެގެން އެކަކު މަރުވެފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. މި މުޒާހަރާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ ފަދަ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، ރައީސް ވަނީ ދުޝްމަނުން މާޔޫސްކޮށްލުމަށްޓަކައި ކުރިއަށްވުރެ ގިނަ ބަޔަކު މަގުތަކަށް ނުކުތުމަށް ގޮވާލައްވާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ހަމަލާތަކަށް ބިރުނުގަންނާނެ ކަމަށާއި، ގައުމާއެކު ސާބިތުވެ ތިބޭނެކަން ހާމަކޮށްފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ގޮވާލުންތަކަށް ބީރުކަންފަތެއް ދީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލާނެ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. މީގެ ރައްދުގައި އީރާނުން ދަނީ މެދުއިރުމަތީގައިވާ ދުޝްމަނުންގެ އަމާޒުތަކަށް ޑްރޯންއާއި މިސައިލް ހަމަލާތައް ދެމުންނެވެ. އެގޮތުން އީރާނުގެ އައި.އާރު.ޖީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގެ ހިޒްބުالله އާ ގުޅިގެން "ޚައިބަރު ޝަކަން" މަރުކާގެ އެތައް މިސައިލެއް ބޭނުންކޮށްގެން އިސްރާއީލާއި އެމެރިކާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅިވެސް އީރާނުން މިހާރު ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ