ފަތިސް ނަމާދު ވަގުތު ގެއަކަށް ވަދެ ތިޖޫރީ ވަގަށްނެގި ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފި

ފަތިސް ނަމާދު ވަގުތު ގެއަކަށް ވަދެ ތިޖޫރީ ވަގަށްނެގި ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފި

Author
އަހުމަދު
11 މާރޗް 2026 02:13
0

މާލޭގެ ގެއެއްގެ ވެރިމީހާ ފަތިސް ނަމާދަށް ދިޔަ ވަގުތު، އެ ގެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ހުރި ތިޖޫރީއެއް ވަގަށް ނެގި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މިދިޔަ ޖުލައި މަހު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ރ. އަލިފުށީ ހަބީބީހެޕް، އިސްމާއިލް ސާއިފް އަދި މއ. ދިއްލީ، އަލީ ނިމާލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި، ވައްކަން ކުރުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކޮށްފައެވެ.

ޝަރީއަތަށް ސާބިތުވެފައިވާ ގޮތުގައި، މި ދެމީހުން ވަނީ ވެރިމީހާ ނަމާދަށް ދިޔަ ވަގުތު ބަލައި، ފާރުމަތިން އަރައި ދޮރު ހަލާކުކޮށްލައިގެން ގެއަށް ވަދެފައެވެ. އަދި އެ މީހުން ވަގަށް ނެގި ތިޖޫރީގައި 300,000 އަށްވުރެ ގިނަ ރުފިޔާއާއި 3,000 އެމެރިކާ ޑޮލަރު ހުރިކަން ވަނީ އެނގިފައެވެ.

މި މައްސަލައިގައި ވައްކަމުގެ ކުށް ސާބިތުވުމުން ދެ މީހުންގެ މައްޗަށްވެސް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ވަގަށް ނެގި ފައިސާގެ ތެރެއިން ނުލިބިވާ 150,000 އެއްހާ ރުފިޔާއާއި 3,000 ޑޮލަރު އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި ސާއިފް 2 މަހާއި 12 ދުވަހަށް އަދި ނިމާލް 3 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ދެމީހުން 1 މަހާއި 6 ދުވަހަށް ޖަލަށްލުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 9,300 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.