އެކި ސަބަބުތަކާ ހުރެ މި ރަމަޟާން މަހު އުމްރާއަށް ނުފުރި ތިބި 164 މީހުން، ހައްޖު ކޯޕަރޭޝަނުން ޗާޓަރުކުރި މޯލްޑިވިއަންގެ ޚާއްސަ ފްލައިޓެއްގައި މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިރޭ ފުރާ މީހުންގެ ތެރޭގައި ހިމެނެނީ އެކި ކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ދާން އުޅުނު މީހުންނާއި، ޓްރާންސިޓްކޮށް ދަތުރުކުރަނިކޮށް ފްލައިޓު ކެންސަލްވެގެން މަޑުކުރަން މަޖުބޫރުވި މީހުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ނުފުރި ތިބި ކަމަށް ލަފާކުރެވުނީ 150 އެއްހާ މީހުން ނަމަވެސް، ފަހުން ބެލިބެލުމުން އެ އަދަދު ވަނީ 164 އަށް އަރާފައެވެ. މި އެންމެން ސައުދީ އަރަބިއްޔާއަށް ގެންގޮސް މައްކާގައި ތިބެވޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ އުމްރާ ގުރޫޕެއް ކަމަށްވާ އަލް-އަބްރާރު ކުންފުނީގެ ފަރާތުންނެވެ. އެ ކުންފުނިން 110 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ދަތުރު ކެންސަލްކުރި މައްސަލަ މިހާރު އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު، އެ ކުންފުނީގެ ސަބަބުން ހާލުގައި ޖެހުނު 28 މީހަކު ވެސް މިދިޔަ ބުދަ ދުވަހު ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު ވަނީ ފުރުވާލާފައެވެ.
މި މައްސަލަ ހައްލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވި ޚާއްސަ ސަމާލުކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ އުމްރާވެރިންނަށް ދިމާވި ދަތިތަކަށް ވީ އެންމެ އަވަހަކަށް ހައްލު ހޯދައިދީ، އެ ފަރާތްތަކުގެ މުގައްދަސް ދަތުރު ފުރިހަމަކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ