ވިހެއުމަށްފަހު ވަޒީފާއަށް ނުކުންނަ މައިންނަށް، ދަރިފުޅަށް ދެ އަހަރު ފުރެންދެން މަސައްކަތު ގަޑީގައި ހުސްވަގުތު ލިބޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި އިސްލާހާއެކު ގާނޫނަށް އާންމުންނާ ގުޅޭ މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ކުރިން ގާނޫނު އޮންނަ ގޮތުން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު ދެ ފަހަރު ދޭ 30 މިނެޓުގެ ހުސްވަގުތު ކުދިންގެ މައިންނަށް ލިބެނީ ދަރިފުޅަށް އެއް އަހަރު ވަންދެނެވެ. ނަމަވެސް އަލަށް ފާސްކުރި ބަދަލާއެކު، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ދޭ މި މުއްދަތު ދެ އަހަރަށް ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިހުގެ މުއްދަތަށްވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ހަ މަހާއި އެއް އަހަރާ ދެމެދު ވަޒީފާ އަދާކޮށްފައިވާނަމަ ދޭންޖެހޭ ދެ ހަފުތާގެ ނޯޓިސް، މިހާރު ވަނީ ވަޒީފާގައި އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކު ވަކިކުރި ނަމަވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހޭނެ ގޮތަށް ބަދަލުކޮށްފައެވެ. ނަމަވެސް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ގާނޫނުގައި އޮންނަ މުއްދަތަށްވުރެ ކުރު ނުވަތަ ދިގު ނޯޓިހެއް ކަނޑައެޅުމުގެ އިހުތިޔާރުވެސް ލިބިގެންވެއެވެ.
މަޖިލީހުން މިއަދު ފާސްކުރި މި މުހިންމު ބިލަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރައްވައި ގެޒެޓު ކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ