އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން އެ ޤައުމުން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެކަންކުރާނެކަމަށް ސަރުކާރުން ވިދާޅުވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ޔަގީންކަމެއް ނެތްކަން ހާމަވެގެން ހިގައްޖެ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިންޑިޔާއިން ބޭނުންނަމަ ރާއްޖޭގެ ރައްޔިތުން މަރާފައިވެސް ރާއްޖެ ހިފާނެކަމަށް ބުނެ މިނިސްޓރަ ފައްޔާޒް "ދިވެހި ރާއްޖޭގެ އަޑު"ގެ ޕްރޮގުރާމެއްގައި ދެއްކެވި ވާހަކަތަކަަށް ރައްދު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ވަޒީރަކު އާންމު ރައްޔިތުންގެ ކުރިމަތީގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގައި ޔަގީންކަމެއް ނެތްގޮތަށް ވާހަކަ ދެއްކެވުމަކީ ވަރަށް ހިތާމަވެރި ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި އިތުރު ނުތަނަވަސްވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
ބަނަވެފައިވާ ދުނިޔޭގެ އެހީގައި، އެއްވެސް ޤައުމަކަށް ދިވެހި ރާއްޖެ ނުހިފޭނެ. ހުރިހާ ދިވެހިން މަރާފަވެސް އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭކަމެއް. އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމާއިލް ވިދާޅުވެފައިވަނީ އިންޑިއާއަކީ މާ ބާރުގަދަ ޤައުމެއްކަމަށެވެ. އެ ގޮތުން އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެ މީހުން އެކަންކުރާނެކަމަށެވެ.
ނަމަވެސް މި ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނެކަމަށާއި އިންޑިއާއިން ވެސް އެކަހަލަކަމެއް ނުކުރާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު އޮޅުންފިލުވުމަށް އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ