ފެބްރުއަރީ މަހު ރާއްޖެއަށް 2.4 ލައްކަ ފަތުރުވެރިން، މިއީ 15 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް

ފެބްރުއަރީ މަހު ރާއްޖެއަށް 2.4 ލައްކަ ފަތުރުވެރިން، މިއީ 15 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް

Author
ޙަސަން މުޙައްމަދު
02 މާރޗް 2026 08:12
0

މިދިޔަ ފެބްރުއަރީ މަހު އެކަނިވެސް ރާއްޖެއަށް 247،722 ފަތުރުވެރިން ޒިޔާރަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަދަދަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޒިޔާރަތްކުރި 214،091 ފަތުރުވެރިންނާ އަޅާބަލާއިރު 15.7 އިންސައްތައިގެ އިތުރުވުމެކެވެ. މި އަދަދުތަކާއެކު، ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 472،510 އަށް އަރާފައެވެ. މީގެ ތެރެއިން ގިނަ ފަތުރުވެރިން، އެއީ 467،862 މީހުން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. އެގައުމުން 76،642 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 54،027 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި 46،257 ފަތުރުވެރިންނާއެކު އިޓަލީ އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސުންނެވެ. މީގެ އިތުރުން އިންޑިއާ، އެމެރިކާ، ޕޮލެންޑް އަދި ސްވިޓްޒަލޭންޑް ވެސް ގަދަ 10 ގައުމުގެ ތެރޭގައި ހިމެނެއެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޚިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 322،401 ފަތުރުވެރިން ރިސޯޓުތަކުގައި ތިބިއިރު، ގެސްޓްހައުސްތަކުގައި 125،979 ފަތުރުވެރިން އަދި ހޮޓާތަކާއި ސަފާރީތަކުގައި ވެސް އެތައް ހާސް ފަތުރުވެރިންނެއް ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މިވަގުތު ރާއްޖޭގައި 180 ރިސޯޓާއި 920 ގެސްޓްހައުސްގެ އިތުރުން 170 ސަފާރީ އާއި 16 ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ. މި ހުރިހާ ފެސިލިޓީއެއްގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 67،258 އެނދު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.