ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ އަދަދު 301 އަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޙާފިޡުން ދަސްވެނިވުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރަކީ ރެކޯޑު އަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރެކެވެ. އެގޮތުން މި އަހަރު އެކަނިވެސް 31 ޙާފިޡުން ދަސްވެނިވާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށާއި ޙާފިޡުން ބިނާކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ވަރަށް އުފާވެރި އަދި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.
ސަރުކާރުގެ ފަރާތުން ޤުރުއާނުގެ ޢިލްމަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އޭގެ ތެރޭގައި ޤައުމީ މުބާރާތުގެ އިނާމުތައް ބޮޑުކުރެއްވުމާއި، ޙާފިޡުންގެ އެލަވަންސް ދެގުނައަށް އިތުރުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު އެކަނިވެސް ޤުރުއާނުގެ ޢިލްމު ފެތުރުމަށް ދައުލަތުން 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިތުރަށް ފުޅާކުރުމުގެ ތަޞައްވުރު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ޙާފިޡުންގެ އަދަދު 500 އަށް ގެންދިއުމަކީ މައިގަނޑު އަމާޒު ކަމަށެވެ. އަދި ދުރު ރާސްތާގައި، އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ ޤައުމަށް ރާއްޖެ ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން 2026 ވަނަ އަހަރު 50 ގޮފި އުފެއްދުމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 6 ގޮފި މިހާރު ރަޖިސްޓްރީ ކުރެވި، އިތުރު 34 ގޮތްޕެއްގެ މަސައްކަތް ހިނގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 1873 ދަރިވަރުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ޒުވާން ޖީލު ޙާފިޡުންނާއި އިމާމުންގެ ގޮތުގައި ތެދުވެ، އިސްލާމީ ރިސާލަތު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ