"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކުރި މައްސަލައިގައި، އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އިތުރު 11 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދައުވާ އުފުލައިފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހުޅުމާލެއިން ދޫކުރާ ގޯތި ނުވަތަ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު، މަކަރާއި ހީލަތުން ބިން ހޯދުމަށް މަސައްކަތްކޮށްފައިވާތީއެވެ. އެގޮތުން މި ފަރާތްތަކުން ވަނީ ބިން ލިބިފައިވާކަމަށް ދައްކައި، އެ ބިންތަކުގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށްޓަކައި ސައްހަ ނޫން ރަޖިސްޓްރީއަކާއި އެއްބަސްވުމެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ފަޒީލްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ އިތުރުން ހަމަ މި ދައުވާ މަރްޔަމް ސާއީ، އީމާ ވަހީދު، އައިޝަތު މައުރޫފާ، މުހައްމަދު އާދަމް، އަބްދުލްމަޖީދު މާހިރު، ހުސައިން ޒާހިރު ޒައިނު، އަޝްހަދު އަލީ އަދި އަހުމަދު އަލީގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން ސައްހަ ނޫން ލިޔުން އުފެއްދުމުގެ ދައުވާ އަހުމަދު އަތީގު އަބްދުالله އާއި އަހުމަދު މާޒިންގެ މައްޗަށް ކޮށްފައިވާއިރު، އެކަމުގައި ބައިވެރިވުމުގެ ދައުވާ އަރުޝަދު އަލީގެ މައްޗަށް ވަނީ އުފުލާފައެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
މި މައްސަލައިގެ ތަހުގީގު ތެރެއިން، ފަޒީލްގެ ކޮއްކޮ އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެވުނެވެ. އެއީ އެޗްޑީސީގެ ސާވާގައި ހުރި މައްސަލައާ ގުޅުންހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ފޮހެލި ކަމުގެ ތުހުމަތެވެ. ނަމަވެސް، އެކަން ސާބިތުކޮށްދެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ. މި މައްސަލަ ފެންމަތިވެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފަޒުލް ވަނީ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ