މެދުއިރުމަތީގެ މަސްރަޙު ހޫނުވެ ވައިގެ ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި މެދުއިރުމަތީގައި ޓްރާންސިޓް ނުކޮށް ސީދާ ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި ދުވަސްވަރު މެދުއިރުމަތީގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކުރަން ޖެހިފައެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިންނަށް ނައާދެވުމާއި، ޗުއްޓީ ނިންމާފައި ފުރަން ތިބި ފަތުރުވެރިންނަށް ނުފުރި ތާށިވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މިހާރު ހިނގަމުންދާ ކަންކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ސީދާ ގޮތެއްގައި ކުރާނެ ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 8،800 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ އަދަދެއްގެ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފްލައިޓްތަކުން ނުވަތަ އެ ސަރަހައްދު ހުރަސްކޮށް ރާއްޖެ އައި ފަތުރުވެރިންނެވެ. އެހެންކަމުން މި ހާލަތާ ގުޅިގެން އެ މަގުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމުން ލިބިދާނެ ގެއްލުންތައް ފޫބެއްދުމަށްޓަކައި ސަރުކާރުން މިހާރު ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓްތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްޞަކޮށް ޗައިނާއާއި އިންޑިއާ ފަދަ އޭޝިއާގެ މާކެޓްތަކާއި ޔޫރަޕްގެ މަންޒިލްތަކުން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްގެން، ފަތުރުވެރިން އަންނަ މިންވަރު ދެމެހެއްޓިދާނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ.
މީގެއިތުރުން، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭގެ އެއަރޕޯޓުގައި ތާށިވެފައިވާ ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއަރލައިންތަކާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން، ތާށިވެފައިވާ ފަތުރުވެރިންނަށް ފުރޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ