މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅިކަމަށް ބުނެ މެންބަރު މައުރޫފް ހިމެނޭހެން 8 މީހަކަށް ދައުވާކޮށްފި

މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅިކަމަށް ބުނެ މެންބަރު މައުރޫފް ހިމެނޭހެން 8 މީހަކަށް ދައުވާކޮށްފި

Author
ޙަސަން މުޙައްމަދު
01 މާރޗް 2026 05:27
0

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލޭގައި ކުރި މުޒާހަރާއަކާ ގުޅިގެން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ ދަށުން، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މިއީ އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ، އެއްވެއުޅުމުގެ ޤާނޫނާ ޚިލާފަށް އަޑުގަދަކޮށް، އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާގޮތަށް މުޒާހަރާކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މި މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރޭގައި މެންބަރު މައުރޫފްގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ ހިމެނެއެވެ. ދެން ދައުވާކޮށްފައިވަނީ މުޙައްމަދު ހަމާއިދު ޢަބްދުލްޣަނީ އާއި، ޢަލީ ނައުފަލް އާއި، އައިޝަތު ނަޖުދާ ޢަލީ އާއި، ޢަލީ މުއައްވަޒް އަދި ޙުސައިން ރަޝީދުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތު އިތުރު ހަތް މީހެއްގެ މައްޗަށް ކުރެވުނު ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީއާއި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި ވަނީ އަނބުރާ ފުލުހުންނަށް ފޮނުވާލާފައެވެ. ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި މުޒާހަރާތަކާ ގުޅިގެން ދައުވާކުރުމުގައި ބަލާ މައިގަނޑު މިންގަނޑަކީ، މީހަކަށް ނުވަތަ މުދަލަކަށް ގެއްލުންވެފައިވާނަމަ، ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ހާލަތެއް މެދުވެރިކުރުވާފައިވާކަމުގެ ހެކި ލިބިފައިވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.