މެދުއިރުމަތީގެ ހަނގުރާމައިގެ ހިޔަނި ރާއްޖޭގެ ދަތުރުފަތުރަށް: 15 ފްލައިޓް ކެންސަލްވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައިގެ ހިޔަނި ރާއްޖޭގެ ދަތުރުފަތުރަށް: 15 ފްލައިޓް ކެންސަލްވެއްޖެ

Author
ޙަސަން މުޙައްމަދު
01 މާރޗް 2026 08:19
0

މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މުހިންމު ގިނަ ފްލައިޓްތަކެއް މިއަދު ކެންސަލްވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު ރާއްޖެ އަންނަން ތާވަލުކޮށްފައި އޮތް 15 ފްލައިޓެއް ކެންސަލްވެފައިވާއިރު، ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުން އަންނަ ބައެއް ފްލައިޓްތައް ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު، އަދި ރާއްޖެއާ ވައިގެ މަގުން ގުޅާލަދޭ މައި ހަބުތައް ކަމަށްވާ ދުބާއީ، އަބޫދާބީ، ޝާރްޖާހް، ދޯހާ އަދި ބަހްރެއިން އިން އަންނަން އޮތް ފްލައިޓްތަކެވެ.

މީގެއިތުރުން، ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުތަކުގެ ރޫޓުތަކަށް ގެންނަން ޖެހުނު ބަދަލުތަކާއެކު ދުރު ރާސްތާގެ ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން އިސްތަންބޫލް، ޒިއުރިކް، ލަންޑަން ހީތުރޯ އަދި ރޯމް ފަދަ މަންޒިލްތަކުން ރާއްޖެ އަންނަން އޮތް ފްލައިޓްތައް ވަނީ ޑިލޭވެފައެވެ.

މި ބަދަލުތައް އައިސްފައިވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައި ވާތީ، އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލުމުންނާއި ވައިގެ މަގު ބަދަލުކުރަން ޖެހުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.