ހޮނިހިރު ދުވަހު މެދުއިރުމަތީގައި ދިން ހަމަލާތައް އދ. ގެ އިންސާނީ ހައްޤުތަކާބެހޭ ވެރިޔާ ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މަޝްވަރާތަކަށް އެނބުރި ދިއުމަށް ބާރުއަޅުއްވައި، އޭނާ ވިދާޅުވީ ހަމަލާތަކުން ނުކުންނާނެ ނަތީޖާއަކީ ހަމައެކަނި "މަރުވުމާއި، ތަންތަން ހަލާކުވުމާއި އަދި އިންސާނީ މުސީބާތް" ކަމަށެވެ.
ބަޔާނެއް މެދުވެރިކުރައްވައި ވޯލްކާ ޓާކް ވިދާޅުވީ، "އިޒްރޭލާއި އެމެރިކާއިން މިއަދު ހެނދުނު އީރާނަށް ދިން އަސްކަރީ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދިން ހަމަލާތައް އަހަރެން ކުށްވެރިކުރަން،" މިހެންނެވެ.
އަދި އޭނާ ވިދާޅުވިއެވެ. "އަބަދުވެސް ވާހެން، ކޮންމެ ހަނގުރާމައެއްގައި ވެސް އޭގެ އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ އާންމު ރައްޔިތުންނަށް."
ޓާކް ވިދާޅުވީ މިސައިލާއި ބޮން އެޅުމަކީ "ޚިޔާލު ތަފާތުވުންތައް ހައްލުކުރެވޭނެ ގޮތެއް ނޫން" ކަމަށާއި، އޭގެ ސަބަބުން ނުކުންނާނެ ނަތީޖާއަކީ ހަމައެކަނި "މަރުވުމާއި، ތަންތަން ހަލާކުވުމާއި، އިންސާނީ މުސީބާތް" ކަމަށެވެ.
"އާންމުންނަށް ލިބިދާނެ މިފަދަ ނުރައްކާތެރި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ހަމަލާތައް ހުއްޓާލުމަށް އަހަރެން ގޮވާލަން. އަދި ހުރިހާ ފަރާތްތަކުން ވެސް ބުއްދި އިސްކޮށް، މަސްރަހު ފިނިކޮށް، މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން ދިޔަ މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް އާދޭހާއެކު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ