މެދުއިރުމަތީގެ މަސްރަހު ކުއްލިއަކަށް ހޫނުވެ، އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައިޓެއް މިއަދު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މިއަދު މެންދުރުފަހު މާލެއިން ފުރި ފްލައި ދުބާއީގެ ނަންބަރު FZ1026 ބޯޓު އަނބުރާ މާލެއަށް ޖައްސަން ޖެހުނީ، ދަތުރުމަތީގައި ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ހޭދަކޮށްފައި ވަނިކޮށެވެ. މި ބޯޓު އަނބުރާލަން ޖެހުނީ ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދަތުރު ކުރިއަށް ގެންދެވެން ނެތުމުންނެވެ. މި ހާލަތު މެދުވެރިވީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެން ސަރަހައްދީ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށުމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވި ގޮތުގައި މިއީ އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް ފެށި އޮޕަރޭޝަނެކެވެ. ޓްރޫތު ސޯޝަލް މެދުވެރިކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްބަސްވުމަކަށް އައުމަށް ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން އެ ގައުމުން ނުހިފި ކަމަށެވެ. އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މި ހަމަލާތަކުގައި އިޒްރޭލުގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިއުމާއެކު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ގަތަރުގެ ސިވިލް އޭވިއޭޝަނުން ވަނީ އެ ގައުމުގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެ އިތުރުން އެމިރޭޓްސް، އިއްތިހާދު އަދި ކުވައިތު އެއާވޭޒް ފަދަ ބޮޑެތި އެއާލައިންތަކުން ވެސް ދަނީ ޝެޑިއުލްތަކަށް ބަދަލު ގެނެސް، ރައްކާތެރި މަގުތަކުން ދަތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މިއާއެކު ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައި، އޮޕަރޭޝަނަލް ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓު ފޮނުވާ