އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި، އީރާނުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މިކަން ކަށަވަރުކޮށްދީ އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އީރާނުން ފޮނުވާލި މިސައިލްތަކެއް ދެނެގަނެވިފައިވާ ކަމަށާއި މުޅި ގައުމު ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނުގެ މި ހަމަލާތަކާއެކު އާންމުން ރައްކާތެރިވުމަށް އަންގައި، ވައިގެ ހަމަލާތަކުން އިންޒާރުދޭ ސައިރެންތައް ވަނީ އަޅާފައެވެ. އަދި އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުން، "ހޯމް ފްރަންޓް ކޮމާންޑް"ގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އަސްކަރިއްޔާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެފަރާތުން ބުނެފައިވަނީ ދިފާއީ ނިޒާމުތަކަކީ ސައްތައިން ސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ އެއްޗެއް ނޫން ކަމަށާއި، އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. މިހާރު އިސްރާއީލުގެ ވައިގެ ސިފައިން ދަނީ އިންޒާރުތައް ނައްތާލުމަށާއި ދިފާއީ އޮޕަރޭޝަންތައް ހިންގުމަށް ހަރަކާތްތެރިވަމުންނެވެ.
މި ހަމަލާތައް ފެށިތާ މާގިނައިރުތަކެއް ނުވެ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށާއި، އީރާނުން އިތުރު މިސައިލްތަކެއް ފޮނުވާލާފައިވާކަމަށް އަލް ޖަޒީރާއިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާލަތާ ގުޅިގެން އިސްރާއީލުން މިހާރު ވަނީ އެ ގައުމު ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ.
މި ހަމަލާތައް ބަދަލުކުރަން ފަށާފައިމިވަނީ، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީ އެމެރިކާގެ އަސްކަރިއްޔާ އެ ސަރަހައްދުގައި ހަރަކާތްތެރިވާތާ ދުވަސްކޮޅެއް ވެފައިވަނިކޮށެވެ. އީރާނުން ވެސް ވަނީ އެ ގައުމަށް ހަމަލާއެއް އަމާޒުވެއްޖެނަމަ އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.
ކޮމެންޓު ފޮނުވާ