ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Author
އަހުމަދު
27 ފެބްރުއަރީ 2026 05:26
0

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ދަތުރުކުރަނީ އިންތިހާބުތަކާ ދިމާކޮށް ކަމަށާއި، އެބޭފުޅުންގެ ވިސްނުމަކީވެސް އިންތިހާބުތައް އެކި ދުވަސްވަރު ބޭއްވުން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ރައްޔިތުންނާ ގާތަށް ދަތުރުކުރަނީ ގައުމީ ވިސްނުމެއްގައި ސަރުކާރާ ހަވާލުކުރެވުނު ޒިންމާތައް އަދާކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކެމްޕެއިންގެ ބޭނުމުގައި ކުރިއަށް އޮތް އިންތިހާބަށް އެއްވެސް ރަށަކަށް ވަޑައިގަތުމަށް ގަސްތު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކެމްޕެއިނަށް ވަޑައިނުގަތަސް، ސަރުކާރުން ހިންގާ ބޮޑު މަޝްރޫއެއް ނިމި، އެކަން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިނަމަ އެ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. "ކެމްޕެއިންގެ ބޭނުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްތެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

މިކަން މިހެން އޮތްއިރު، ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ތާރީހުގައި ރެކޯޑް ކާމިޔާބީއެއް ހާސިލުކުރައްވާފައެވެ. މި ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނު ވަޑައިގެންފައިވަނީ ކ. ތުލުސްދޫއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.