ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަނެ، އެއީ އިސްރާއީލުގެ ދައުލަތުގެ މުދާކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކުރެއްވީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި އޮތް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ކުއްލި ބައްދަލުވުމަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރު ޤާނޫނީ ބާރު ފޯރުވައި، އެ ބިންތައް ފޭރިގަތުމަށް އިސްރާއީލުން ނިންމުމާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ހުޅަނގު އައްސޭރިއަށް އަތްގަދަކޮށް، އެތަނުގައި ޔަހޫދީން ވަޒަންވެރިކުރުވައި ބިންތައް އަތުލުމަށް ހިންގާ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވެސް ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ފަލަސްޠީނުގެ ބިންތަކަކީ އެ ޤައުމުގެ ރައްޔިތުންގެ ޙައްޤެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަމަކީ މަޝްވަރާގެ އުޞޫލުން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، 1967 ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތާއި، މިނިވަންކަމާއި އިސްތިޤުލާލަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ހުޅަނގު އައްސޭރީގެ ބިންތަކުގެ ކޮންޓްރޯލް ފުޅާކޮށް، އެތަނުގައި ވަޒަންވެރިވެފައިވާ ޔަހޫދީންނަށް ބިން މިލްކުކުރުމަށް ފަސޭހަވާނެ ފިޔަވަޅުތަކެއް އެޅުމަށް ފެބުރުވަރީ 15 ވަނަ ދުވަހު އިސްރާއީލުގެ ކެބިނެޓުން ނިންމުމާ ގުޅިގެންނެވެ. ފަލަސްޠީނުން ސިފަކުރާ ގޮތުގައި މިއީ އެ ޤައުމުގެ ބިންތައް "ޢަމަލީ ގޮތުން ފޭރިގަތުމަށް" ހިންގާ ޖަރީމާއެކެވެ. އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވި އިސްލާމީ ޤައުމުތަކުން ވަނީ މި ނިންމުމާ ދެކޮޅަށް އެއްބަސްވުމަކަށް އައިސް އަޑުއުފުލާފައެވެ.
ކޮމެންޓު ފޮނުވާ