ށ. ފޯކައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު އެ އަތޮޅު ފޭދޫ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. ފޭދޫ އިރަމާގޭ، އުމުރުން 44 އަހަރުގެ މުޙައްމަދު ޢަބްދުއްރަޙީމެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ފޯކައިދޫ ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުއްރަޙީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ